އައި.ޓީ.އެފް.ސީއާއެކު 1.5 ބިލިއަން ޑޮލަރުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފި
10 އޮކްޓޯބަރ 2019 ޝެއާ ޓުވީޓް


އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އަޢި.ޓީ.އެފް.ސީ) އިން ދިވެހިރާއްޖޭގެ ވިޔަފާރި އާއި އިޤްތިޞާދީ ކުރިއެރުމަށް އެހީތެރިވުމުގެ ގޮތުން ދެއްވާ 1.5 (އެކެއް ޕޮއިންޓް ފަހެއް) ބިލިއަން އެމެރިކާ ޑޮލަރުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރުނބާ މޯލްޑިވްސްގައި ބާއްވައިފި އެވެ.

މި ފްރޭމްވޯކް އެގްރީމަންޓުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އަލްފާޟިލް އިބްރާހީމް އަމީރެވެ. އަދި އައި.ޓީ.އެފް.ސީގެ ފަރާތުން ސޮއި ކުރެއްވީ އެ މުޢައްޞަސާގެ ސީ.އީ.އޯ ހާނީ ސަލަމް ސަންބޮލްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ފްރޭމްވޯކް އެގްރީމަންޓުގެ ދަށުން ވިޔަފާރި އާއި އިޤްތިސާދު ކުރިއެރުވުމަށް ފަސް އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ޖުމްލަ 1.5 ބިލިއަން ޑޮލަރުގެ މާލީ އެހީ ލިބުމަށް މަގުފަހިވެގެން ދާނެއެވެ. މި ގޮތުން ރާއްޖެއަށް ބޭނުންވާ ތެޔޮ އެތެރެކުރުމަށާއި، ވިޔަފާރި ކުރިއެރުވުމަށާއި، ދަނޑުވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމަށް މި ފެސިލިޓީ ބޭނުންކުރެވޭނެއެވެ.