މާލެ ސަރަހައްދުގެ ކުނި މެނޭޖު ކުރުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮޖެކްޓަށް 50 މިލިއަން ޑޮލަރުގެ އެހީއެއް ދޭން އޭޝިއަން ޑިވަލޮޕްމަންޓް ބެންކް (އޭޑީބީ) އިން އެއްބަސްވެއްޖެ އެވެ. މިއެހީ ދޭން ނިންމިކަން އޭޑީބީން ކަށަވަރުކޮށްދީފައިވަނީ އެވުޒާރާގެ އިސް އޮފިޝަލުންނާ މިހާރު ޖަޕާނުގައި ހުންނެވި ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ބައްދަލު ކުރައްވާ ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގައެވެ.
އޭޑީބީގެ 50 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވަޑައިގަތުމަށް މިވަގުތު ޖަޕާނުގައި ހުންނެވި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ރައީސް މރ. ޓަކިހީޓޯ ނަކާއޯއާއި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ ރައީސް ޔާމީން ރާއްޖޭގެ އިގްތިސާދަށް ގެންނަވާ އިންގިލާބީ ބަދަލާ ބެހޭ ގޮތުން އޭބީޑީ އޮފިޝަލުންނާ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އަދި އެ މަސައްކަތުގައި އޭޑީބީއާ ގުޅިގެން މަސައްކަތް ކުރުމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވަނީ މި ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.
ދިވެހިރާއްޖެއަށް އަންނަމުންދާ ބޭރުގެ އިންވެސްޓްމަންޓްތަކާ ދިވެހިރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ފާހަގަކުރައްވާ މިނިސްޓަރު މުނައްވަރު ވަނީ އޭޑީބީން ދިވެހިރާއްޖޭގެ ތަރައްޤީއަށް ދެމުންދާ އެހީތެރިކަމާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
ޖަޕާނަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި އެޤައުމުގެ ސަރުކާރުގެ އިސްވެރިންނާ މިނިސްޓަރ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.