ދިވެހި ބަހުގެ ދުވަސް 1438
13 އޭޕްރީލް 2017 ޝެއާ ޓުވީޓް

މިއަހަރުގެ ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ އެސެމްބަލީއެއް ފިނޭންސް މިނިސްޓްރީގައި މިއަދު ބާއްވައިފިއެވެ. މި އެސެމްބަލީ ޝަރަފްވެރިކޮށްދެއްވީ  ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ލަތީފު އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.

މިއަދުގެ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ޝަރަފްވެރިމެހުމާން ޑޮކްޓަރ މުޙައްމަދު ލަތީފު ވަނީ ދިވެހިބަސް ކުރިއެރުވުމަށް ހުރިހާ ފަރާތްތަކުން މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންފައެވެ.

އެސެމްބްލީގައި މިނިސްޓްރީގެ ޚާއްޞަ މެސެޖް އިއްވަވަމުން މިނިސްޓަރ އަހްމަދު މުނައްވަރު ވަނީ މިއަހަރުގެ ތެރޭގައި މި އޮފީހުގެ މަސައްކަތާއި ގުޅޭގޮތުން ބޭނުންކުރާނެ 10 ބަސް އުފެއްދުމަށް މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ. މިނިސްޓަރ މުނައްވަރު ވިދާޅުވީ، މާލީ ދާއިރާގައި ބޭނުންކުރާ ބައެއް ޓެކްނިކަލް ބަސްތަކުގައި ބޭނުންކުރާނެ ވަކި ޚާއްޞަ ދިވެހި ބަސްތަކެއް ނެތުމުން އެކަމުގެ ދަތިކަން މިއަހަރުގެ ދައުލަތުގެ ބަޖެޓް ހުށަހެޅުއްވިއިރު ފާހަގަކުރެވިފައިވާކަމަށެވެ. އެހެން ކަމުން މުވައްޒަފުންގެ މެދުގައި މިކަމަށް ޚާއްޞަ ބަސްތަކެއް އުފައްދަވާ ، އެކަމަށް މުވައްޒަފުން ޝައުޤުވެރިކުރުމުގެ ގޮތުން މިނިސްޓަރ ވަނީ މުވައްޒަފުން އުފައްދާ ކޮންމެ ބަހަކަށް ޚާއްޞަ އިނާމެއްވެސް ދެއްވާނެކަން އިއުލާންކުރައްވާފައެވެ.

މިއަދުގެ މި އެސެމްބްލީގައި މުވައްޒަފުން ވަނީ ޝުއޫރުވެސް ފާޅުކޮށްފައެވެ. މުވައްޒަފުން ޝުޢޫރު ފާޅުކޮށްފައިވަނީ އެ ބޭފުޅަކު ނިސްބަތްވާ އަތޮޅަކަށް ޚާއްޞަ ބަހުރުވައިންނެވެ. އަދި ދުވަހާއި ގުޅޭގޮތުން  ޚާއްޞަ ބޯކިބާ އެއްވެސް ވަނީ ފަޅާފައެވެ.

ޚާއްޞަ އެސެމްބްލީ ނިންމާލާފައިވަނީ ބޮޑުބެރުގެ ޙަރަކާތަކުންނެވެ.

މިއަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޢާރަކީ “ޤައުމީ އެއްބައިވަންތަކަމަށް ޓަކައި- އެންމެންގެ ސަމާލުކަން ދިވެހިބަހަށް” މިއެވެ.