ޑިޓިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ގްރާންޓް އެގްރީމެންޓް ގައި ސޮއިކުރުން
30 މެއި 2017 ޝެއާ ޓުވީޓް

ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ "ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ މަސައްކަތަށް ދެއްވާ 2،792،000،000 ޖަޕަނީޒް ޔެން (ދެ ބިލިޔަން ހަތްސަތޭކަ ނުވަދިހަ ދެ މިލިޔަން ޖަޕަނީޒް ޔެން) ގެ ގްރާންޓް އެގްރީމެންޓް ގައި ސޮއި ކުރުމުގެ ރަސްމިއްޔާތު 30 މެއި 2017 ވަނަ ދުވަހު ސްޓެލްކޯ މާލަމުގައި ބޭއްވުނެވެ. މިއީ ގާތްގަޑަކަށް 25 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީއެކެވެ.

 މި ހިލޭ އެހީގެ އެއްބަސްވުމުގައި ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ޗީފް ރެޕްރެސެންޓަޓިވް މރ. ފުސާޓޯ ޓަކާނާ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙްމަދު މުނައްވަރެވެ. މި ރަސްމިއްޔާތުގައި ޖަޕާން އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ މރ. ކަޒޫމީ އެންޑޯ އާއި ޕަބްލިކް ސަރވިސް މީޑިއާ، ކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

 މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދެވޭނީ ރާއްޖޭގައި މަލްޓިޗެނަލް ޑިޓިޓަލް ޓީވީ ނެޓްވަރކެއް ޤާއިމްކުރުމުގެ މަސައްކަތެވެ. އަދި، އިންޓަރގްރޭޓެޑް ސަރވިސަސް ޑިޓިޓަލް ބްރޯޑްކާސްޓިންގ ޓެރެސްޓީރިއަލް (އައިއެސްޑީބީ-ޓީ) ސިސްޓަމަކީ ޖަޕާނުގެ ޑިޖިޓަލް މިންގަނޑުތަކަށް ފެތޭ އެއް ސިގްނަލުން ވަރަށް ގިނަ، ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދޭ ނިޒާމެކެވެ. އައިއެސްޑީބީގެ އެންމެ މުހިންމު ކަމަކީ މި ޓެކްނޮލޮޖީގައި ޤުދުރަތީ ކާރިސާއެއް (މިސާލަކަށް ބިންހެލުންފަދަ ކާރިސާއެއް ދިމާވާ ޙާލަތެއްގައި) ދުރާލާ އިންޒާރުދޭ ނިޒާމެއް ޤާއިމްކުރެވިފައިވާކަމެވެ. އަދި ޓީވީގެ ޚިދުމަތް ޑިޖިޓަލްކޮށް މޮބައިލް ފޯން މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެންވެސް ޓީވީ ބެލުމަށް ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބޭނުންކުރާ އެއް ނިޒާމެވެ.