ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ މާކެޓަށް ބޮންޑެއް އިޝޫކޮށްފި
01 ޖޫން 2017 ޝެއާ ޓުވީޓް

31 މެއި 2017 ވަނަ ދުވަހު ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ މާކެޓަށް ބޮންޑެއް އިޝޫކުރުމަށް ހުޅުވާލުމާއި އެކު މަދު ވަގުތުކޮޅެއްތެރޭގައި ދެގުނައަށް އޯވަ ސަބްސްކްރައިބް ވެގެންދިޔައެވެ. މި ބޮންޑަކީ 200 މިލިއަން އެމެރިކާ ޑޮލަރުގެ 5 އަހަރު ދުވަހުގެ މެޗޫރިޓީ  ބޮންޑެކެވެ. އަދި މި ބޮންޑް އިޝޫކުރެވި މިހާރު ވަނީ ސިންގަޕޯރ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައެވެ. ރާއްޖެއިން ބޮންޑް ވިއްކުމަށް ހުޅުވާލުމާއެކު، ބައިނަލްއަޤްވާމީ އިންވެސްޓަރުގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައެވެ.މި ބޮންޑް ގަތުމަށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ޢަދަދަކަށް އިންވެސްޓަރުން ހުށަހެޅުންތައް ހުށަހެޅިއެވެ.

 މި ބޮންޑަށް މާކެޓުން ހުށަހަޅާފައިވަނީ 7 އިންސައްތައިގެ ކޫޕަން ރޭޓެކެވެ. މި ރޭޓަކީ ފުރަތަމަ ފަހަރަށް މާލީ ބާޒާރަށް ނުކުމެފައިވާ ޤައުމުތަކާއި އަދި ދިވެހިރާއްޖެއާއި އެއްމިންވަރެއްގެ ކްރެޑިޓް ރޭޓިންގް ލިބިފައިވާ ޤައުމުތަކައި އަޅާކިޔޭނެ ރޭޓެކެވެ. މިބޮންޑަށް މޫޑީސްއިން ދީފައިވަނީ B2 ރޭޓިންގއެކެވެ. އަދި ފިޗް އިން ދީފައިވަނީ B+ ރޭޓިންގއެކެވެ. މިރޭޓިންގ އަކީ ދިވެހިރާއްޖެއަށް ކުރިން މިދެ ރޭޓިންގް އޭޖެންސީއިން ދީފައިވާ ސޮވެރިންގ ކްރެޑިޓް ރޭޓިންއާ އެއް ރޭޓިންގ އެކެވެ. ދިވެހި ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް މި ފުރުސަތުގައި ސަރުކާރުން އަރުވަމެވެ. މީގެ ސަބަބުން އިންވެސްޓަރުންނަށް ރާއްޖެއާ މެދު އޮތް އިތުބާރު ބޮޑުވެ، ބޮންޑުގެ ޔީލްޑް، ކުރިމަގުގައި ދަށް ކުރެވިގެންދާނެއެވެ. މިބޮންޑު ވިއްކައިގެން ލިބުނު 200 މިލިއަން އެމެރިކާ ޑޮލަރު ބޭނުންކުރުމަށް ނިންމާފައިވަނީ 2017 އަހަރުގެ ފާސްކުރި ބަޖެޓުގައިވާ ތަރައްޤީގެ މަޝްރޫއުތައް ފައިނޭންސް ކުރުމަށެވެ. މިކަމުގެ ސަބަބުން ތަރައްޤީގެ ގެ ދުވެލި އިތުރަށް ހަލުވިވެ ރާއްޖޭގެ ރައްޔިތުންނަށާއި މުޅި އިޤްތިސާދަށް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

 މި މިނިސްޓްރީއިން ގަބޫލު ކުރާގޮތުގައި ދުނިޔޭގެ ބާޒާރުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމަށް މިފެށި މަސައްކަތަކީ ޤައުމެއްގެ ހައިސިއްޔަތުން އެޅުނު މުހިންމު ފިޔަވަޅެކެވެ. އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ދިވެހިރާއްޖެ ވަކިވެ، ތަރައްޤީވަމުން އަންނަ ޤައުމެއްގެ ގޮތުގައި ކުރިއަށް ދާއިރު، ބައިނަލް އަޤްވާމީ ބާޒާރުން ފައިނޭންސް

ހޯދުމަކީ ދިވެހިރާއްޖެ ތަރައްޤީވަމުން އަންނަ ޤައުމެއްގެގޮތުގައި ތަސައްރަފު ފުދިފައިވާކަމުގެ ނިޝާނެކެވެ. އަދި އަމިއްލަ ފައިމައްޗަށް ތެދުވެ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ނުގެއްލި، ޤައުމުގެ ތަރައްޤީ ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަމެވެ.

  އަދި ފާހަގަ ކޮށްލަމެވެ. މި ބޮންޑަށް ބައިނަލްއަޤްވާމީ މާލީ ބާޒާރުން، އޭޝިއާ އަދި ޔޫރަޕުގެ އެސެޓްމެނޭޖަރުންނާއި ބޭންކްތަކުން އިންވެސްޓްކޮށް، ލިބިގެން މިދިޔަ ތަރުހީބުން އެނގިގެން ދިޔައީ، ދިވެހިރާއްޖެއާ މެދު ބޭރުގެ އިންވެސްޓަރުން މެދުގައި އޮތް އިތުބާރެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން މި ތިން އަހަރުތެރޭގައި ފައްޓަވައިފައިވާ ތަރައްޤީގެ މަޝްރޫއުތަކާއި ހަރުދަނާ އިޤްތިސާދީ ތަސައްވުރާއި ސިޔާސަތުތަކަށް ބައިނަލްއަޤްވާމީ މާލީ ބާޒާރުން ދިން ފުރިހަމަ ޔަގީންކަމެވެ. އަދި ރާއްޖޭގެ ތަރައްޤީގައި ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަމާއި ބައިވެރިވުން އިތުރަށް އޮތްކަމުގެ ނިޝާނެކެވެ.

މިމިނިސްޓްރީ އިން ޤަބޫލުކުރާގޮތުގައި އިއްޔެ ކާމިޔާބުކަމާއެކު މިވިއްކުނު ބޮންޑުގެ ސަބަބަބުން ރާއްޖޭގެ ކުންފުނިތަކަށް ބައިނަލްއަޤްވާމީ މާލީބާޒާރުން ފައިނޭންސް ހޯދުމަށް އައު ދޮރުތަކެއް ހުޅުވިގެން ދާނެއެވެ.  

އެންމެ ފަހުގެ
13 ޖޫން 2024
12 ޖޫން 2024
12 ޖޫން 2024
02 ޖޫން 2024
29 މެއި 2024