އައްޑު އަތޮޅާއި، ރ.ވަންދޫއާއި ހދ. ގެ ބައެއް ރަށްރަށުގައި ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ހިންގުމަށް ދިވެހިސަރުކާރާއި އަބޫދާބީ ފަންޑްފޮރ ޑިވެލޮޕްމަންޓާއި ދެމެދު ލޯނު އެއްބަސްވުމުގައި 22 ޖޫން 2015 ގައި ސޮއިކުރެވިއްޖެއެވެ.
ދިވެހިރާއްޖޭގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދެވެ. އަބޫދާބީ ފަންޑްފޮރ ޑިވެލޮޕްމަންޓްގެފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑައިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވައިދީއެވެ.
މި މަޝްރޫއުގައި ހިމެނެނީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކުނި އަންދައިގެން އެއިން ނިކުންނަ ހޫނު ބޭނުންކޮށްގެން ކަރަންޓު އުފެއްދުމެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ އަގަކީ 22,038,00 ދިރުހަމެވެ، އެއީ ގާތްގަނޑަކަށް 6 މިލިއަން ޑޮލަރެވެ.
މިލޯނަކީ %2 ގެ އިންޓަރެސްޓާއި އިދާރީ ޚަރަދުގެ ގޮތުގައި %0.5 އާއި އެކު 20 އަހަރު ދުވަހުން އަދާކުރާގޮތަށް ނަގާފައިވާ ލޯނެކެވެ. ލޯނުގެ ގްރޭސް ޕީރިއަޑަކީ 5 އަހަރު ދުވަހެވެ.