އޭ.ޑީ.ބީ. ގެ 48 ވަނަ އަހަރީ އާންމު ޖަލްސާ ބޭއްވުނީ 2015 މެއި 3 ން 5 އަށް އަޒެރްބައިޖާންގެ ބާކޫގައެވެ. އޭ.ޑީ.ބީގެ ފަރާތުން އަޒަރުނައިޖާންގެ ސަރުކާރާ ގުޅިގެން އިންތިޒާމުކުރި 3 ދުވަހުގެ މިބައްދަލުވުމަކީ އޭ.ޑީ.ބީ. މެމްބަރ ގައުމުތަކުގެ އިދާރީ ހިންގުމާއި، ފައިސާގެ މުއާމަލާތްތަކާއި ހިންގުމަށް މަގުދެއްކުމަށް އާންމުގޮތެއްގައި ބާއްވާ މުހިންމު ބައްދަލުވުމެކެވެ. މިބައްދަލުވުމުގެ ސަބަބުން މެމްބަރ ގައުމުތަކަށް އޭ.ޑީ.ބީ.ގެ މުއައްޒަފުންނާއި އެން.ޖީ.އޯ އިންނާއި މީޑިއާއާއި އޮބްޒާވަރުންނާއި ތަޢުލީމީ އަދި ޕްރައިވެޓް ސެކްޓަރގެ ފަރާތްތަކާ ސީދާ މުއާމަލާތްކުރުމުގެ ފުރުސަތު ހުޅުވިގެންދެއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެފަރާތުން ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަދި އޭ.ޑީ.ބީ. ގަވަރނަރ އަލްފާޟިލް ޢަބްދުﷲ ޖިހާދާއި އަލްފާޟިލް ޢަބްދުﷲ ޢަލީ އެވެ. އެހެން ބައިވެރިންގެ ތެރޭގައި އިކޮނޮމިކް ޕްލޭނިންގ މިނިސްޓަރުންނާއި އޭ.ޑީ.ބީ. މެމްބަރ ގައުމުތަކުގެ ސަރުކާރުތަކުގެ އިސްވެރިންނާއި، ގައުމުތަކުގެ ތަރައްގީގެ ބޭންކްތަކުގެ ފަރާތުންނާއި، އިންވެސްޓްމަންޓް ބޭންކްތަކުންނާއި، ނޫސްވެރިންނާއި އެން.ޖީ.އޯ. އިން ހިމެނެއެވެ.
މިބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދު ވަނީ އޭ.ޑީ.ބީ. ގެ ރައީސް ޓަކަހީޓޯ ނަކާއޯ އާއި ބައިނަލްއަގުވާމީ އެހެން އިދާރާތަކުގެ އިސް ވެރިންނާއި ބައްދަލުކުރައްވައި އެފަރާތްތައް މެދުވެރިވެގެން ރާއްޖޭގައި ހިންގަވަމުންގެންދަވާ އަދި ހިންގެވުމަށް ނިންމަވާފައިވާ ހަރަކާތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެެވެ.