ތޭރަ ވަނަ " ހޮޓެލް އޭޝިޔާ އެގްޒިބިޝަން އަދި އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް 2017" މިއަދު ހުޅުވައިފިއެވެ.
މި އެގްޒިބިޝަން ހުޅުއްވައިދެއްވީ މިކަމަށްޓަކައި ދަރުބާރުގޭގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޝަރީ އަލްފާޟިލް އަހްމަދު މުނައްވަރުއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ހޮޓެލް އޭޝިއާ އެގްޒިބިޝަން މިހާރު ރާއްޖޭގެ މަޝްހޫރު ބްރޭންޑަކަށް ވެފައިވާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގެ އިގުތުޞާދު ކުރިއެރުމުގައި ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ވެސް އިންޑަސްޓްރީ ފުޅާކުރުމަށް މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވާ ރައީސް ޔާމީންގެ ވައުދާ އެއްގޮތަށް ކޮންމެ އަހަރަކު ވެސް އާ ރިސޯޓްތަކެއް އެބަ ހުޅުވާ، ކަން މިނިސްޓަރ މުނައްވަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މި އަހަރު 4-5 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން އޭޝިއާގެ މުހިންމު މާކެޓްތަކުން އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ދާއިރާގައި އިންވެސްޓްކުރާ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށާއި މި އަހަރުގެ މިހާތަނަށް އާ ދިހަ ރިސޯޓު ހުޅުވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބާލައިރު މި އަހަރުގެ މިހާތަނަށް ވަނީ އިތުރު ދިހަ ރިސޯޓު އަލަށް ހުޅުވާފައި. އަދި އިތުރު ރިސޯޓުތަކެއް ވެސް ހުޅުވުމުގެ މަސައްކަތް ދަނީ ކުރަމުން. ޓޫރިޒަމް އިންޑަސްޓްރީ އަންނަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދަމުން،" މުނައްވަރު ވިދާޅުވި އެވެ.
ތަފާތު ގިނަ އުފެއްދުންތަކާ އެކު ކޮންމެ އަހަރަކު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރީގެ މައުރަޒު، ހޮޓެލް އޭޝިއާ އެގްޒިބިޝަން 18 ސެޕްޓެމްބަރުން 20 ސެޕްޓެމްބަރާއި ހަމައަށް ކުރިއަށްދާނެއެވެ.
މިރައްމިއްޔާތުގައި ފޮރިންގ ސެކެޓްރީ އަލްފާޟިލް އަހްމަދު ސަރީރު، ދުނިޔޭގެ ޝެފުންގެ ޖަމިއްޔާގެ ރައީސް ތޯމަސް ގަގްލާ އަދި މި އެގްޒިބިޝަން އިންތިޒާމް ކުރައްވާފަރާތްތަކުގެ އިސްވެރިން ބައިވެރިވިއެވެ.