ކުޑަކުދިންގެ ޤުރުއާންކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޝަރަފްކޮށްދެއްވައިފި
25 ޖުލައި 2016 ޝެއާ ޓުވީޓް

ޕަބްލިކް ސާވިސް މިޑިޔާއިން ކޮންމެ ރަމަޟާން މަހެއްގައި ބާއްވަމުން އަންނަ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ސިލްސިލާގެ ތެރެއިން މިއަހަރު ބޭއްވި ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށް، އިނާމު ދިނުމުގެ ރަސްމިއްޔާތު 22 ޖުލައި 2016 ވީ ހުކުރު ދުވަހު ހަވީރު އިސްލާމިކް ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި ވަނީ ބާއްވާފައެވެ.  މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙުމަދު މުނައްވަރެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ މުބާރާތް ޕީއެސްއެމް އިން ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އޮޑިޝަންތައް ބާއްވައިގެންނެވެ. ތިން އުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މުބާރާތުގައި، ޖުމްލަ 850 ކުދިން ބައިވެރިވެފައިވެއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވި އޮޑިޝަންތަކުގައި 5 ހާހާއި ގާތްކުރާ އަދަދަކަށް ކުދިން ބައިވެރިވެފައިވެއެވެ.

މި މުބާރާތުން ވަނަ ވަނައަށް އައި ފަރާތްތަކަށް، ތަށްޓާއި، އިނާމު ދެއްވީ، ޝަރަފްވެރި މެޙުމާން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙުމަދު މުނައްވަރެވެ.