މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހުޅުމާލޭ ބްރާންޗް ހުޅުވުން
24 އޭޕްރީލް 2017 ޝެއާ ޓުވީޓް

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހުޅުމާލޭ ބްރާންޗް، ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު މިއަދު ހުޅުވައިދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ރާއްޖެއިން އިސްލާމިކް ސޮވެރިން ބޮންޑު ނުވަތަ ސުކޫކު، ބޭރު ގައުމުތަކަށް ވިއްކަން ސަރުކާރުން ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އާއި، މޯލްޑިވްސް އިސްލާމިކް ބޭންކުގެ މެޖޯރިޓީ ޝެއާ ހޯލްޑަރ އިސްލާމިކް ކޯޕަރޭޝަން ފޯ ޑިވެލޮޕްމެންޓް (އައިސީޑީ) އާގުޅިގެން، ރާއްޖޭގައި އިސްލާމިކް ފައިނޭންސް ވަސީލަތްތައް އިތުރަށް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާ ގުޅިގެން އިސްލާމިކް ފައިނޭންސް މެކަނިޒަމްތައް ކުރިއެރުވުމަށް މާސްޓާޕްލޭނެއް ސަރުކާރުން އެކުލަވާލަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރު ގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖެއިން ބޭރަށް ސުކޫކު ވިއްކުމާއި، މާސްޓާޕްލޭން އެކުލަވާލުމަކީ މުސްތަގުބަލުގައި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް އެޅޭ ވަރުގަދަ ދެ ބިންގަލަށް ވެގެންދާނެކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ގެ ވާހަކަފުޅުގައި ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުގައި ދިވެހިންގެ ހިއްސާބޮޑުވާން ޖެހޭކަން ފާހަގަކުރައްވާފައެވެ. އޭގެ ބޭނުމަކީ، ބޭންކުގައި އެކި ކަންކަމުގައި ގޮތް ކިޔުމުގެ ބޮޑެތި ފުރުސަތުތައް ރާއްޖެއަށް ލިބުންކަންވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އިސްލާމިކް ބޭންކްގެ ކުރިމަގަށް ބަލާއިރު، 2020 ވަނަ އަހަރަށް އިސްލާމިކް ބޭންކު 20 އިންސައްތައިން ކުރިއަރައި، އާމްދަނީ ހަތަރު ގުނަ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށާއި ކުންފުނީގެ ހިއްސާއަކަށް ޖެހޭ ފައިދާ ތިން ގުނަ އިތުރުވާނެ ކަމަށްވެސް ބެލެވޭ ކަމަށް މިނިސްޓަރ ގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

މިއަދު ހުޅުވި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބްރާންޗަކީ މާލޭގައި ހުންނަ އޮފީހާއެކު، އެ ބޭންކުގެ ފަސް ވަނަ ބްރާންޗެވެ. އެ ބޭންކުގެ ބްރާންޗްތައް މާލެ، އައްޑޫ ސިޓީ، ހދ. ކުޅުދުއްފުށި އަދި ގދ. ތިނަދޫގައި މިހާރު ވެސް ހުރެއެވެ.