އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމެންޓް (އަބޫދާބީ ފަންޑް) އަކީ ބޭރު ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި އަބޫދާބީ ސަރުކާރުން 15 ޖުލައި 1971 ގައި އުފައްދާފައިވާ އިދާރާއެކެވެ. މި ފަންޑްގެ މައިގަނޑު މަޤްސަދަކީ ތަރައްޤީވަމުންދާ ޤައުމުތުކަށް ދެމެހެއްޓެނިވި ގޮތެއްގައި އިޖްތިމާޢީ އަދި އިގްތިސާދީ ކުރިއެރުން ހާސިލްކުރުމަށް އެހީތެރިވުމެވެ. މިގޮތުން މިފަދަ ޤައުމުތަކަށް ލޯން، ހިލޭ އެހީ އަދި އިކުއިޓީގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށް ދެއްވައެވެ. މީގެ އިތުރުން ޤައުމުތަކުގެ ޕްރައިވެޓް ސެކްޓަރ ކުރިއަރުވައި، ބާރުވެރިކޮށް އިޤްތިސާދީ ދުވެލި ހަލުވިކުރުމުގެ ގޮތުން ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ކުރެވޭ އިންވެސްޓްމެންޓް ފުޅާކުރުމަކީ ވެސް އަބޫދާބީ ފަންޑުގެ މަޤްސަދެކެވެ. އަދި މިފަދަ އިންވެސްޓްމެންޓް މެދުވެރިކޮށް މި ފަންޑުގެ ރޯލް ފުޅާކުރުމުގެ ގޮތުން ފަންޑުގެ ވަސީލަތްތައް ޑައިވަރސިފައިކުރުމުގެ މަސައްކަތްވެސް ކުރެވެއެވެ. އަބޫދާބީ ފަންޑުން މައިގަނޑު ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކަކީ ދަނޑުވެރިކަން، ކަރަންޓާއި ފެނުގެ ވަސީލަތްތައް ތަރައްޤީކޮށް ފުޅާކުރުން، ސިއްޙީ ފަރުވާގެ ނިޒާމް، ބޯހިޔާވަހިކަން، އަދި ވިޔަފާރިއާއި ދަތުރުފަތުރުގެ ނިޒާމް ތަރައްޤީކުރުމުގެ ދާއިރާއެވެ.
އަބޫދާބީ ފަންޑުގެ ލޯން އެހީގައި ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ހިންގާފައިވާ މަޝްރޫޢަކީ 1976 ވަނަ އަހަރު ސޮއިކުރެވުނު ސެޓެލައިޓް އާރތް ސްޓޭޝަން އިންސްޓޯލްކުރުމުގެ މަޝްރޫޢެވެ. މި މަޝްރޫޢަށްފަހު އެ ފަންޑުން ވަނީ ދިވެހިރާއްޖޭގެ ދަތުރުފަތުރު، ގެދޮރު އިމާރާތްކުރުން، އުމްރާނީ ތަރައްޤީ، ތިމާވެއްޓާއި ހަކަތަ ފަދަ ދާއިރާތައް ތަރައްޤީކުރުމަށް ހިންގާފައިވާ އެކި މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. މި ވަގުތު އަބޫދާބީ ފަންޑުން ދަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ ބަޔަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އަދި ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓްގެ ދަށުން އައްޑޫ، ރ.ވަންދޫ އަދި ހދ. ކްލަސްޓަރ މަޝްރޫއަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
އަބޫދާބީ ފަންޑާއި ދިވެހިރާއްޖޭގެ ގުޅުން
އަހަރު | މަޝްރޫއު | ފައިސާ | އަދަދު |
2017 | ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް | ޔުނައިޓެޑް އަރަބި އެމިރޭޓްސް ދީނާރު | 183,650,000 |
2015 | ސްމޯލް ސްކޭލް ވޭސްޓް-ޓު-އެނަރޖީ ޕްރޮޖެކްޓް | ޔުނައިޓެޑް އަރަބި އެމިރޭޓްސް ދީނާރު | 22,038,000 |
2009 | ހައުސިން އެންޑް އިންފްރާސްރަކްޗަރ ޕްރޮޖެކްޓް އިން ސުނާމީ އެފެކްޓެޑް އޭރިއާސް | ޔުނައިޓެޑް އަރަބި އެމިރޭޓްސް ދީނާރު | 55,095,000 |
1979 | އެއާޕޯޓް ޕްރޮޖެކްޓް | ޔުނައިޓެޑް އަރަބި އެމިރޭޓްސް ދީނާރު | 8,000,000 |
1976 | ސެޓަލައިޓް އާރތް ސްޓޭޝަން އިންސްޓޮލޭޝަން ޕްރޮޖެކްޓް | ޔުނައިޓެޑް އަރަބި އެމިރޭޓްސް ދީނާރު | 4,000,000 |