ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އަކީ ޔޫރަޕިއަން ޔޫނިއަންގެ ދިގުމުއްދަތަށް ލޯނު ދޫކުރާ މާލީ އިދާރާއެވެ. މި އިދާރާ އުފައްދާފައިވަނީ ޓްރީޓީ އޮފް ރޯމްގެ ދަށުން 1958 ވަނަ އަހަރު، ޕޮލިސީ ޑްރިވެން ބޭންކެއްގެ ގޮތުގައެވެ. މި ބޭންކްގެ ޝެއަރހޯލްޑަރުންނަކީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ޤައުމުތަކެވެ. އީއައިބީގެ މައިގަނޑު މަޤްސަދަކީ ޔޫރަޕްގެ ގައުމުތައް ގުޅުވައިދިނުމާއި އިޖްތިމާއީ އެއްބައިވަންތަކަން އާލާކުރުމެވެ. އީއައިބީން ޔޫރަޕިއަން ޔޫނިއަންގެ ސިޔާސަތުތައް ކުރިއަރުވައިދޭ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ. މި ބޭންކުގެ %90 މަސައްކަތްތައް އަމާޒުކޮށްފައިވަނީ ޔޫރަޕްގެ ގައުމުތަކަށެވެ. ނަމަވެސް ޔޫރަޕިއަން ޔޫނިއަންގެ ސިޔާސަތުތައް ފަހިކޮށްދޭ އެހެނިހެން މަޝްރޫއުތަކަށްވެސް އެހީ ފޯރުކޮށްދެއެވެ.
އީއައިބީން ދިވެހިރާއްޖެއަށް ފުރަތަމަ އެހީ ދެއްވާފައިވަނީ 2006 ވަނަ އަހަރު، ރިސޯޓް އަދި ގެސްޓް ހައުސްތަކަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދީފައިވާ 50 މިލިއަން ޔޫރޯގެ ލައިން އޮފް ކްރެޑިޓެއްގެ ގޮތުގައެވެ. މީގެ އިތުރުން 2020 ވަނަ އަހަރު ދިވެހި ސަރުކާރާއި އީއައިބީއާ ދެމެދު 20 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައެވެ. އެއީ ކޮވިޑް-19 ގެ އެމެޖެންސީ ރެސްޕޮންސެއްގެ ގޮތުގައެވެ.
އީއައިބީއާއި ދިވެހިރާއްޖޭގެ ގުޅުން
އަހަރު | މަޝްރޫއު | ފައިސާ | އަދަދު |
2020 | ކޮވިޑް-19 ރެޕިޑް ރެސްޕޮންސް ޓު މޯލްޑިވްސް | ޔޫރޯ | 20,000,000 |
2016 | މޯލްޑިވްސް ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް | ޔޫރޯ | 45,000,000 |
2006 | ޕޯސްޓް ސުނާމީ ލައިން އޮފް ކްރެޑިޓް | ޔޫރޯ | 50,000,000 |